ޚަބަރު
ރައީސް މުޢިއްޒު މީމަށް، އެންމެ ފުރަތަމަ ވޭވަށަށް

ރައީސް ވޭވަށަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މުލަކަތޮޅު ވޭވަށަށް ވަޑައިގެންފިއެވެ.
ރައީސް މިހާރު ކުރިއަށް ގެންދަވާ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅަކީ ރައީސް ވަޑައިގެންނެވި 3 ވަނަ އަތޮޅެވެ.
ރައީސުލްޖުމްހޫރިއްޔާ ވޭވަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ވޭވަށަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 11 ވަނަ ރަށް ކަމަށްވާއިރު، މިއަދު ވަޑައިގެންނެވި 3 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވޭވަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ވޭވަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް މި ދަތުރުފުޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.