ޚަބަރު
ވަޒީރު ޚަލީލާއި ވަޒީރު ޠާރިޤް އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގައި ބައިވެރިވުމަށް ނިއުޔޯކަށް

ވަޒީރު ޚަލީލާއި ވަޒީރު ޠާރިޤް ނިއުޔޯކަށް ފުރާ ވަޑައިގަތުން
އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ހޮނިހިރު ދުވަހު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަންނަވައިފިއެވެ.
މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 22 އިން 30 އަށެވެ. އަދި އާންމު ބަހުޘް އޮންނާނީ 23 ސެޕްޓެމްބަރ އިން 29 ސެޕްޓެމްބަރަށެވެ. މި ދަތުރުފުޅުގައި ދެ ވަޒީރުން މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާނެއެވެ.
މިދަތުރުފުޅާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވަނީ، މިއީ ދިވެހިރާއްޖެ އދ. މެންބަރު ޤައުމަކަށް ވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. އަދި މިއަހަރުގެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ސެޝަންގައި ދިވެހިރާއްޖެއިން ދެ ހަރަކާތެއް ކުރިއަށްގެންދާނެއެވެ. އޭގެތެރޭގައި އެސްޓޯނިއާއާ ގުޅިގެން "ޑިޖިޓަލް ޓްރާންސްފޮމޭޝަން ފޮރ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް" އަދި "ޑެކޭޑްސް އޮފް ޕެރިސް އެގްރީމަންޓް: މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް" ގެ ނަމުގައި ދެ ހަރަކާތް ހިމެނެއެވެ.
ޚާރިޖީ ވުޒާރާއިން ބުނާގޮތުގައި މި ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އދ.ގެ މެމްބަރު ޤައުމުތަކާއި އދ.އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ޤަވާއިދުން ބައްދަލުނުވެވޭ އދ.ގެ މެންބަރު ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިއަހަރުގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސުންގެ ތެރެއިން އޭޝިއާ ޕެސިފިކް ސަރަހައްދުން ހޮވާ 5 ނައިބު ރައީސުންގެ ތެރެއިން އެއް މަޤާމު ދިވެހިރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.