ޚަބަރު
ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައިފި

ދަރަނބޫދޫ އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކުރުން
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ފަށައިފައިވަނީ ރައީސް މުޢިއްޒު ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ހަނދާނީ ބޭންކު ކާޑެއް ދަރަނބޫދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ. ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.
އަތޮޅުތެރޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ޤާއިމްކޮށް، ޚިދުމަތް ދޭން ފަށާފައެވެ. އެންމެ ފަހުން މި ޚިދުމަތް ޤާއިމްކުރެވުނީ ވ. އަތޮޅުގައެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން، މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. ބީއެމްއެލްގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް މި މަޝްރޫޢު ފުރިހަމަކުރުމެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމްކޮށްފައިވާ ބޭންކެވެ. މި ވަގުތު ބީއެމްއެލްގެ 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 222 އޭޓީއެމް ޤާއިމްކުރެވި، ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދެއެވެ. ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.