ޚަބަރު
ފ.ނިލަންދޫ ކުނިމެނޭޖް ކުރާ މަރުކަޒު ހުޅުވައިފި

ނިލަންދޫ ކުނި މެނޭޖްކުރާ މަރުކަޒު ހުޅުވުން
ފ. ނިލަންދޫގައި ޤާއިމުކުރި ކުނި މެނޭޖުކުރާ މަރުކަޒު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި މަރުކަޒު ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
1،500 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި ރަނގަޅު ފެންވަރުގެ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކުރުމަކީ އެރަށުގެ ރައްޔިތުންގެ ބޮޑު އެދުމަކަށްވެފައިވާ ކަމެކެވެ. މި މަރުކަޒުގެ މަސައްކަތް ވެހިކަން ބިލްޑާސްއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.
ނިލަންދޫގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދެމުންދާނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިންނެވެ. އަދި މިކަމާ ގުޅިގެން ވެމްކޯއާއި ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ނިލަންދޫގައި އިތުރު ތަރައްޤީގެ މަޝްރޫޢުތަކެއްވެސް ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތާއި، ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އަދި ނަރުދަމާގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ނިލަންދޫގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކަކާއި ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ކުނި މެނޭޖުކުރާ މަރުކަޒުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.