ޚަބަރު
ނިލަންދޫގައި ތަރައްޤީގެ ތިން މަޝްރޫޢެއް ފަށައިފި

ނިލަންދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގައި ތަރައްޤީގެ ތިން މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިފިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި، ކައުންސިލް އިދާރާގެ އައު އިމާރާތާއި، ނަރުދަމާ ނިޒާމެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަޝްރޫޢަކީ އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރޭނުމާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ހިމެނެއެވެ.
މީގެއިތުރުން، ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށައިފައެވެ. މި ތިން މަޝްރޫޢަކީވެސް ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ނިލަންދޫ ދާއިރާގެ މެންބަރާއި، ކައުންސިލްގެ ރައީސް އަދި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.