Ads by Stelco

ޚަބަރު

ރައީސް ފީއައްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި

ރައީސް ފީއައްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި

ރައީސް މުޢިއްޒު ފީއަލީ ރައްޔިތުންނާއި ބައްދަލުކުރެއްވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2025، 09:04

20 ސެޕްޓެމްބަރު 2025، 09:04

ރައީސް ޑރ މުޙައްމަދު މުޢިއްޒު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ.ފީއައްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. 

މި މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަންބޮޑުވުމަކީ ރަށުގައި ކުރިއަށްދާ ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާ މައްސަލައެވެ. މީގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫޢާއި، ފެނާއި ނަރުދަމާގެ ޚިދުމަތް އަވަސްކުރުމާއި، ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވެފައިވާ މައްސަލަތައް ހިމެނެއެވެ.

ރަށުގެ ފެނާ ނަރުދަމާގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި މިކަމަށް  އަވަސް ޙައްލެއް ބޭނުންވާ ކަމަށް ރައްޔިތިުން ފާހަގަކުރެއްވެވިއެވެ. އަދިހަމަ މިއާއެކު ރަށުގަ ހިންގާ އައިސްޕްލާންޓްވެސް ބޭނުންވަނީ ކައުންސިލް ޙިއްސާވާގޮތަށް ހިންގަން ކަމަށާއި ރަށު ސްކޫލްގައިވެސް ވަރަށް ބޮޑަށް ޖާގަ އަށް ބޭނުންވެ އަދި ޒަމާނީ ވަސީލަތް މަދުކަން ރަށުގެ ރައްޔިތުން ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުން، ރައްޔިތުން ވަނީ ރަށްކައިރީ މަސް ކަނދުފައްޗެއް އަޅައިދިނުމާއި، ތެލަސީމިއާގެ ފަރުވާ ރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެދިފައެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ "15 ހެކްޓަރު މިރަށުގެ ބިމުން ބޮޑުކޮށްދޭނަން. ހިލަޔާ ބޭނުންވާ ސާމާނު ލިބުމުގަ އަޅުގަނޑުމެންނަށް ދަތިތައް ދިމާވި. ނަމަވެސް މިހާރު ޙައްލުވެ މަސައްކަތްތައް ދަނީ ފަށަމުން. އަދި އަލަށް ސޮއިކުރި މަޝްރޫޢުތައްވެސް މި ދަޢުރުގެ ތެރޭގައި ގެންދާނަން" ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފީއަލީގެ ތަރައްޤީއަށް ހިންގަވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފައްޓަވައި، އަދި ބައެއް މަޝްރޫޢުތައް ވަނީ އިފްތިތާޙުވެސް ކުރައްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން