ޚަބަރު
އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަޤާމަށް ފާރިހަތު އައްޔަނުކޮށްފި

ފާޠިމަތު ފާރިހަތު ވަޙީދު
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަޤާމަށް ފާޠިމަތު ފާރިހަތު ވަޙީދު އައްޔަންކޮށްފިއެވެ.
މި މަޤާމުގައި ފާރިހަތު ބަލަހައްޓަވާނީ ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، މާކެޓިންގ އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިތުރުން އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތަކެވެ.
ފާރިހަތުގެ އައްޔަނުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، "ފައިނޭންޝަލް ސަރވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް، އަދި މުހިންމު ޕާޓްނަރޝިޕްތައް ބެލެހެއްޓުމުގައި ފާރިހަތު ހޯއްދަވާފައިވާ ތަޖުރިބާއިން ކުންފުނީގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ" ކަމަށެވެ.
ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާރިހަތު، އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވާރކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕްސްގެ މަގާމުގައެވެ. މީގެ އިތުރުން، އެ ބޭންކުގައި ހެޑް އޮފް ކާޑު ޕޭމަންޓްސް އެންޑް ގަވަރނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައްވެސް ފުރުއްވާފައިވެއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ފާރިހަތު ވަނީ މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް އިންޓަރނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ. އަދި މީގެއިތުރުން، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފައިވެއެވެ.