ޚަބަރު
އެމްއެންޔޫގެ ފޮތް މައުރަޒު ފަށައިފި

އެމްއެންޔޫގެ ފޮތް މައުރަޒު ހުޅުވުން. ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު މިއަދު ފަށައިފިއެވެ.
މި މައުރަޒު ހުޅުވައިދެއްވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދެވެ.
އެމްއެންޔޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފޮތް މައުރަޒަކީ ދިވެހި ލިޔުންތެރިންނާއި ދިވެހި އުފެއްދުންތެރިކަމުގެ ފޮތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ މައުރަޒެކެވެ. އަދި އާންމުންނަށް އެއްތަނަކުން އެކި ބާވަތްތަކުގެ ފޮތްތައް ފޯރުކޮށްދިނުމަކީވެސް މި މައުރަޒުގެ މުހިންމު މަޤުޞަދެއްކަމަށް ވިދާޅުވިއެވެ.
މި މައުރަޒުގައި ހުންނާނީ މުޅިންވެސް ދިވެހި ލިޔުންތެރިންގެ ފޮތްތަކެވެ. އަދި ލިޔުންތެރިންނާއި ފޮތް ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރުގެ ފޮތް މައުރަޒުގައި 33 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ އެމްއެންޔޫއިން މި ފޮތް މައުރަޒު ކުރިއަށްގެންދާ 5 ވަނަ ފަހަރެވެ.
އެމްއެންޔޫގެ މިއަހަރުގެ ފޮތް މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 13 އާހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.