ޚަބަރު
ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ، ގާތް ރަހުމަތްތެރިކަމާއި، އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މި ހަމަތަކުގެ މަތިން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެއިތުިރުން ދެ ޤައުމުގެ ރައީސުންގެ ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވުމުން އެ ޤައުމުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި، އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމު ގުޅިގެން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުންނާއި، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކުން މަޝްވަރާކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ "ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް 2024-28" އިސްތިރާޖީއަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އިސްތިރާޖީގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިއީ ރައީސް ޗައިނާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ދަތުރުފުޅުގައި، ޗައިނާގެ ޓިއާންޖިންގައި ރައީސް ޝީ ޖިންޕިންއާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގައި، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވި ކަމަށެވެ.