Ads by Stelco

ޚަބަރު

ޗައިނާގެ ރައީސް ދެއްވީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން

ޗައިނާގެ ރައީސް ދެއްވީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން

ރައީސް މުޢިއްޒު އަދި ޗައިނާގެ ރައީސް ޝީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2025، 12:40

31 އޯގަސްޓު 2025، 12:40

ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފިއެވެ.

 މި ޔަޤީންކަން އެމަނިކުފާނު ދެއްވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގެން ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒުގެ އަރިހުގައި މާލީ ވަޒީރު މޫސާ ޒަމީރާއި، ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙާލީލް އަދި އިމާރާތްކުރުމާ ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ޤައުމުގެ ލީޑަރުން ވަނީ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024-2028) ގެ ދަށުން ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމާމެދު އުފާފުޅުވާ ކަމަށް ވިދާޅުވެ، ޗައިނާގެ ރައީސް ދެއްވި ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ.

އެސްސީއޯ ސަމިޓުގައި ރާއްޖެ ހިމެނޭ ގޮތަށް 26 ޤައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖެއަކީ އެސްސީއޯގެ ޑައިލޮގް ޕާޓްނަރެކެވެ. ރައީސް މުޢިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ދަތުރުފުޅަށްފަހު ރާއްޖެއާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި 20 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން