ޚަބަރު
މަސް މާރުކޭޓުގެ އިމާރާތުގައި ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ

މާލޭ މަސް މާރުކޭޓު

ފަރުދުން
21 އޯގަސްޓު 2025، 04:15
21 އޯގަސްޓު 2025، 04:15
މާލޭ މަސް މާރުކޭޓުގެ އިމާރާތުގައި ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަން ނިންމައިިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ، މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ކައުންސިލުގެ އިޢުލާނުގައި ވަނީ، މި ފަދަ ތަންތަނުގެ ތެރެއިން ކައުންސިލުން އިޢުލާން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ އެފަދަ އެއްބަސްވުން މިއަދުން ފެށިގެން 7 ދުވަސް ތެރޭގައި ކައުންސިލަށް ލިޔުމަކާއި އެކު ހުށަހަލަން ޖެހޭނެކަމަށެވެ.
އެއާއެކު، ބަޔާން ކުރެވުނު 7 ދުވަހުގެ ތެރޭގައި މި ކައުންސިލަށް އެކަން ބަޔާންކޮށް ހުށަހަޅާފައި ނުވާނަމަ މި ފަދަ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި މި ފަދަ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަމަށް ކައުންސިލްގެ އިޢުލާނުގައި ވެއެވެ. އެއާއެކު، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ވަހަކަވެސް އިޢުލާނުގައި ވެއެވެ.
ކައުންސިލުން ވަނީ، މިފަދަ ތަންތަނުގައި އެއްވެސް ފަރާތަކުން އެއްޗެއް ބަހައްޓާފައި ވާނަމަ އެ ފަދަ ތަކެތި މި އަދުންފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފައެވެ.