ޚަބަރު
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް: 3 ބުރީގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

3 ބުރީގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ސޮއި ކުރުން ފޮޓޯ: ފަރުދުން
އއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސްކޫލްގައި 3 ބުރީގެ އައު އިމާރާތެއް އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލު ޝަފީޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ. މި މަޝްރޫޢަކީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީއަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބަކާއި، ނަމާދުކުރާ ކޮޓަރިއެއް (ޕްރެޔަރ ރޫމްއެއް) އަދި ލައިބްރަރީއެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިހާރު ހިނގަމުންދާ މަޝްރޫޢުގެ އިތުރަށް، ރަށަށް ކޮންމެހެން ބޭނުންވާ އެއް މަޝްރޫޢު މިއީ، ސްކޫލް މަޝްރޫޢު. މި މަޝްރޫޢުގެ ތެރެއިން ސްކިލް ލެބަރ، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ
ރައީސް މުޢިއްޒު
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވެފައިވާއިރު، މި މަސައްކަތް ނިމުމާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.