ވިޔަފާރި / ޚަބަރު
ކެއްސާތީ ބޭނުންކުރާ "ކޮފްސީ" އަނެއްކާވެސް މަނާކޮށްފި

ކޮފްސީ ސިރަޕް ފޮޓޯ: އިންޓަނެޓް
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މާކެޓް ސަރވައިލަންސްގެ ތެރެއިން ފެންވަރުގެ މައްސަލަތަކެއް ފާހަގަވުމާ ގުޅިގެން، ކޮފްސީ ސިރަޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މިއަދުން ފެށިގެން އަނެއްކާވެސް މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ފެންވަރު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކޮފްސީ ސިރަޕްގައި ފެންވަރުގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިހެންވެ، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ބޭސް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ.
ކޮފްސީ ސިރަޕް އެތެރެކުރުމާއި ވިއްކުން މަނާކުރި މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ވަނީ މި ސިރަޕް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައެވެ. އޭރު އެމްއެފްޑީއޭއިން ބުނެފައިވަނީ ކޮފްސީ ސިރަޕްގެ 100 މިލިލީޓަރުގައި ކުނޑި ކޮޅުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެފަހަރު ކުރެވުނު ތަހުލީލުތަކުން ސިއްހީ ރައްކާތެރިކަމަށް ނުރައްކަލެއް ނެތްކަން އެނގުމުން، ބޭސް ރަނގަޅުކުރުމަށްފަހު އަލުން ވިއްކުމުގެ ހުއްދަ ދޫކުރެވުނު ކަމަށެވެ.
މި ބޭސް ސްޓޮކްގައި ހުރި ފާމަސީތަކުން، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މި ބޭސް ނައްތާލުމަށްވެސް އެމްއެފްޑީއޭއިން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް، މި ބޭސް ބޭނުންކުރުމުގެ ސަބަބުން ސިއްހީ ގޮތުން ނޭދެވޭ އަސަރެއް ފޯރާފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.