Ads by Farudhun

ޚަބަރު

ކަނޑުތައް ޙިމާޔަތްކުރުމަށާއި، އުފެއްދުންތެރިން ޒިންމާދާރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

ކަނޑުތައް ޙިމާޔަތްކުރުމަށާއި، އުފެއްދުންތެރިން ޒިންމާދާރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ނޮވެމްބަރު 2026، 11:33

12 ނޮވެމްބަރު 2026، 11:33

ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި ކުނި އުފެދޭ އަސްލުން ފެށިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށްޓަކައި މުދާ އުފައްދާ ފަރާތްތަކުން ފުރިހަމަ ޒިންމާ އުފުލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުޢާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި، އެ ޤައުމުގެ އަންތާލިޔާގައި ބޭއްވުނު "ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ތަޤްރީރު ކުރައްވަމުންނެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ އަނބިކަނބަލުން އެމިނޭ އުރުދުޣާން އިސްނަންގަވައިގެން އިންތިޒާމުކުރެއްވި މި މަތީ ފަންތީގެ ބައްދަލުވުމުގައި، އެކި ޤައުމުތަކުގެ ޢިއްޒަތްތެރި ވެރިންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ކަނޑަށް އެޅޭ ކުންޏަކީ އުކާލުމުން އަމިއްލައަށް ފިލައިގެންދާ އެއްޗެއް ނޫން ކަމަށާއި، އޭގެ ސަބަބުން ކަނޑުގެ މުރަކަތަކަށާއި، ދިރުންތަކުގެ އިތުރުން އިންސާނުންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެސް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އެމިނޭ އުރުދުޣާން ކުރައްވާ އަގުހުރި މަސައްކަތްޕުޅަށް ތަޢުރީފު ކުރައްވައި، "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮތްކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިދިޔަ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ކުނި މެނޭޖްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެ އިޞްލާޙުތަކުގެ ޒަރީޢާއިން، ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން ހުއްޓުވުމަށާއި، ހުއްދައެއް ނެތި ނުރައްކާތެރި ކުނީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް މަގުފަހިވެގެން ގޮސްފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

އަދި ކުނި ނައްތާލުމަކީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއް ނޫންކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކުން މިއަދު އުފުލަންޖެހިފައިވަނީ، އެހެން ޤައުމުތަކުގައި އުފައްދައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ކުނީގެ ނޭދެވޭ ބުރަ ކަމަށެވެ. އެހެންކަމުން، މުދާ އުފައްދާ ފަރާތްތަކުގެ ޒިންމާއަކީ ހަމައެކަނި ތަކެތި ވިއްކުމުން ނިމޭ ކަމަކަށް ވެގެންނުވާނެ ކަމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ޕެކޭޖިންގ ބަދަލުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ކުނި މަދުކުރެވޭނެ އިޤްތިޞާދަކަށް (ސަރކިއުލަރ އިކޮނޮމީއަކަށް) ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ތިމާވެށި ރައްކާތެރިކުރުމުގައި އިސްނަގާ ޖީލެއް ބިނާކުރުމަށްޓަކައި ޅަދަރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، ދެމެހެއްޓެނިވި ހެޔޮ ބަދަލެއް ގެނެވޭނީ ޢާއިލާތަކާއި، ތަޢުލީމީ މުއައްސަސާތައް އަދި މުޅި މުޖުތަމަޢު އެކުގައި އަތުގުޅާލައިގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޙަޤީޤީ ބަދަލަކީ ގޭތެރެއިން ފެށި، މަދަރުސާތަކުން ބާރުލިބި، މުޖުތަމަޢުގެ ތެރޭގައި ފޯދިގެން އަންނަންޖެހޭ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމާއެކު ރަސްމީ ޙައިޞިއްޔަތެއް ލިބިގެންދިޔަ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" އަކީ، 2017 ވަނަ އަހަރު ތުރުކީގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާން ފެއްޓެވި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމުތައް ފުޅާކުރުމަށްޓަކައި ސަރުކާރުތަކާއި، އދ. ގެ އެކި އިދާރާތައް އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450