ޚަބަރު
ތިމާވެށީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމާގުޅޭ މަޝްވަރާތައް އެޗްޑީސީއާއެކު ކުރިއަށްގެންގޮސްފި

އެޗްޑީސީގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު

ފަރުދުން
19 އޯގަސްޓު 2025، 09:30
19 އޯގަސްޓު 2025، 09:30
ދިވެހިރާއްޖޭގެ އާބާދީ ބޮޑެތި ސިޓީތަކުގެ ތިމާވެށީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމާއި، މިކަމަށްޓަކައި އެޗްޑީސީއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރާއި މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސަރުކާރުގެ މުހިންމު ވަޢުދުތައް ތަންފީޒުކުރުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މިނިސްޓަރ ޠާރިޤާއި އެޗްޑީސީގެ އެމްޑީ އަލީ ޒުހައިރު މަޝްވަރާކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު، ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ މައިގަނޑު ކަންކަމާއި، ޚާއްސަކޮށް ހުޅުމާލެ ފަދަ ތަރައްގީކުރެވެމުންދާ ސިޓީތަކުގައި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.
މީގެ އިތުރުން، ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެ މުއައްސަސާ ގުޅިގެން ކުރިއަށްގެންދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ހުޅުމާލެއަކީ ތަރައްޤީވެފައިވާ ސާފު އަދި ރައްކާތެރި ސިޓީއެެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.