ޚަބަރު
ބޮޑުތަކުރުފާނު މަގު ހެދުމަށް އެމްއެމްއޭ ކުރިމަތިން އޮންނަ ފަޅު ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ބަހާލާފައިވާ ގޮތް---
މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމަށްޓަކާ ފަށާފައިވާ މަޝްރޫޢުގެ ތެރެއިން، އެމްއެމްއޭ ކުރިމަތިން، ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށްފިއެވެ.
މިކަމާ ގުޅިގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި މިއަދުން ފެށިގެން އެ މަސައްކަތް ހިނގާ މުއްދަތުގައި އެ ސަރަޙައްދަށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ވަދެ ނުކުތުމާއި އެއްގަމު ތޮށި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.
މި މަޝްރޫޢު ކުރިޔަށް ގެންދާނީ ފަސް ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބަންދުކޮށްފައި މިވަނީ ފުރަތަމަ ސެގްމެންޓެވެ.
މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ވަނީ ބަދަލުތަކެއް… pic.twitter.com/ZPNVOps8Qz
— Abdulla Muththalib (@muththo) August 19, 2025
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ސަރަޙައްދުގައި 4 ލޭނު ޤާއިމްކޮށް، ޓްރެފިކަށް އުނދަގޫ ނުވާގޮތަށް ދެކޮޅަށް ދުއްވޭ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މީގެ ކުރިން ހާމަކުރައްވާފައިވެއެވެ.
އަދި މި މަސައްކަތާ ގުޅިގެން ޓްރެފިކަށް ލުއިކުރުމުގެ ގޮތުން، ޖުމްހޫރީ މައިދާން ބަސް ހުއްޓިއަށް އެމްޓީސީސީގެ ބަސްތައް މަޑުނުކުރާނެކަމަށް ވެސް އެ ކުންފުނިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ.