ޚަބަރު
ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހެދުމަށް ނިންމަވައިފި

ރައީސުލްޖުމްހޫއްޔާ ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުނ، ފޮޓޯ: ރައީސް އޮފީސް
އއ. ފެރިދޫގެ ބައެއްގެ ގޮތުގައި އެ ރަށާ ކައިރީގައި އޮންނަ މާފަރު ފަޅު ހެދުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފެރިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ފެރިދޫގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ޤާއިމްކޮށްދިނުން ހިމެނޭކަމަށެވެ. އެގޮތުން އެ ޕިކްނިކް އައިލެންޑަކީ ފެރިދޫގެ ޓުއަރިޒަމް ދާއިރާއިން ނުވަތަ އިޤުތިޞާދީ ދާއިރާއިން ކުރިޔަށް ދިއުމުގައި އެޅިގެން ދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.
އަދި އެ ޕިކްނިކް އައިލެންޑު ތަރައްޤީ ކުރުމުގައި ރަށުގެ ގުތުރަތީ ރީކަން ގެއްލިގެން ނުވާނެ ކަމަށާއި ތުނޑި ހަލާކުވެގެން ނުގޮސް އަދި ރަށް އިތުރަށް ގިރާނެ ގޮތެއް މެދުވެރިވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކާ، އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން، މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ދެންމެ މި ސޮއިކުރި ޕިކްނިކް އައިލެންޑް އެ ފަޅުގައި ޤާއިމްކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފެރިދޫއަށް ވަޑައިގެންނެވި ދަތުރުގައި ގިނަ މަސައްކަތްތަކެއްގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ އިތުރުން، ގިނަ ޚިދުމަތްތަކެއް އިފްތިތާޙު ވެސް ވަނީ ކުރައްވާފައެވެ.
ފެރިދޫގައި ޢަމަލީ ގޮތުން ފެއްޓެވި މަސައްކަތްތައް:
- އއ. ފެރިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން
- އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
ފެރިދޫގައި ކުރެވުނު އެއްބަސްވުންތައް:
- އއ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލާއި ޢުމްރާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރުން
- ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
- އއ. ފެރިދޫ ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
މީގެ އިތުރުން، ފެރިދޫގައި ހުރި އަތޮޅު މަދަރުސާއަކީ ކުރީގެ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ފެންވަރު ދަށްވެގެން ގޮސްފައިވާ ތަނެއްކަމަށްވެސް ވިދާޅުވިއެވެ. މިއާއެކީ ސްކޫލަށް ޖާގަ އިތުރުކުރުމަށް ސޮއިކުރި އެއްބަސްވުމަކީ ސްކޫލަށް ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބާއި، ކޮމްޕިއުޓަރ ލެބާއި، ސްޓާފް ރޫމާއި، ސެން ކްލާހާއި ލައިބްރަރީ އާއި އެނޫންވެސް ވަސީލަތްތަކާއި ހުރިހާކަމެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ.
މި ނޫނަސް ސްކޫލުގައި ޕްރިންސިޕަލެއް ޤާއިމްވެ ނެތުމާއި މުދައްރިސުންގެ ދަތިކަމުގެ މައްސަލަ އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަރަށް ސީރިއަސް މައްސަލައަކަށްބަލައި ތަޢުލީމީ ނިޒާމަށް ފެރިދޫގައި ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން، ސިއްޙީ ދާއިރާ އާއި ކުޅިވަރުގެ ވަސީލަތްތައް ތަމްރީނުކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިފާޅުވެފައެވެ.
އަދި މަގު ހެދުމުގެ މަޝްރޫޢަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން އެދޭގޮތަށް އެ މަސައްކަތްވެސް ފެށޭ ހިސާބުގައި އޮތްކަން ފާހަގަކުރައްވާފައެވެ. އެކަމަށް ބަޖެޓުވެސް ހަމަޖެހިފައިވާކަމަށާއި، ދެތިން ހަފްތާގެ ތެރޭގައި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.