ޚަބަރު
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުން އިތުރުވަނީ , ހައްލެއް ހޯދުމަށްޓަކައި ފުލުހުން އިތުރަށް މޮނީޓަރކުރަންފަށަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ ފޮޓޯ: ޓައިމްސް އޮފް އައްޑޫ
ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރަމުންދާ އާންމު ޕެޓްރޯލިންތަކާއި މި ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާތީ، މިކަމަށް ފުލުހުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. މިކަމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ސީދާ އަސަރުކުރާނެ ކަމެއްކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
ފުލުހުންގެ މައުލޫމާތު ދައްކާގޮތުން، ޚާއްސަކޮށް ކުށުގެ ރެކޯޑް އޮންނަ ސަރަހައްދުތަކުގައި، ޒުވާން އުމުރުގެ ކުދިން ހަވީރުގެ ވަގުތުތަކާއި ރޭގަނޑު ގިނަ އަދަދަކަށް އެއްވެ ތިބޭ ކަން ފާހަގަ ކުރެވެއެވެ. ކުޑަކުދިން ކުށުގެ މާހައުލުތަކަށް ހުށަހެޅުމަކީ ފުލުހުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
މިކަމުގެ ސަބަބުން ކުޑަކުދިން ގްރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. މީގެ އިތުރުން، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ބޮޑުވެގެންދާކަން ފުލުހުން ފާހަގަކުރައްވައެވެ. މި ހާލަތަކީ މުޖުތަމަޢުގެ އަމާންކަން ނަގާލާ، ކުޑަކުދިންގެ މުސްތަގުބަލަށް ހުރަސްއަޅާ ކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މިފަދަ ކަންކަމުން ދުރުހެލިވުމަށްޓަކައި، މައިންބަފައިންނާއި ބެލެނިވެރިންނަށް ފުލުހުން ވަނީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް ބާރުއަޅުއްވައެވެ.
ފުލުހުން މިކަމަށް ހައްލެއް ހޯދުމަށްޓަކައި މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުން ދެކޭގޮތުގައި، ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުން މުހިންމެވެ.
މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ކުއްލި ހާލަތެއްގައި 911 އަށް ގުޅުއްވުމަށްވެސް ފުލުހުން ދަންނަވައެވެ.