ޚަބަރު
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ބާރު ލިބިދޭ ބިލު މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، ފޮޓޯ: ރައީސް އޮފީސް
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމިހުރުމުގެ ބާރު ލިބިދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
"ރީ-އެމްޕްލޯއިމަންޓްގެ ބިލު"ގެ ނަމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ބިލުގެ މަޤުސަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބުމުގެ މަގުފަހިކޮށްދިނުމެވެ.
އެގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާނީ އަހަރުން އަހަރަށް އާކުރާގޮތަށްކަމަށް ވެސް އެ ބިލުގައިވެއެވެ. އަދި އެ މުވައްޒަފަކު ކުރިން ހުރި މަޤާމު ނުވަތަ އެހެން މަޤާމަކަށް ހަމަޖެއްސުމަކަށް މި ބިލު ހުރަހެއް ނާޅާނެއެވެ.
މީގެއިތުރުން ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްގުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވިދާނެއެވެ.
މިގޮތަށް އައްޔަން ކުރާ ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށެވެ. އަދި މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ. ނަމަވެސް ޕެންޝަނާ ބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.
މި ބިލު ޤާނޫނަކަށްވި ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ޤާނޫނުއަސާސީ އާއި ޤާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނެއް ނުހިނގާނެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ "ރީ-އެމްޕްލޯއިމަންޓްގެ ބިލު" ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.