ޚަބަރު
ރައީސް ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވާދެއްވައިފި

ރައީސް މުޢިއްޒު ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރަތް ހުޅުވައިދެއްވުން. ފޮޓޯ: ޕީއެސްއެމް
އއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި އައު އިމާރާތުގައި ޢާންމު ޞިއްޙަތުގެ ޚިދުމަތުގެ ޔުނިޓެއްގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކަކާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން މާބަނޑު މީހުންގެ ކްލިނިކަކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމަންދޫގައި އިތުރު މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެރަށުގައި އަޅާ ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން، ހިމަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުންނާ ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ އަދި މާޅޮހަށް ޒިޔާރަތްކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، ހިމަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.