ޚަބަރު
ލަންކާއަށް އިމްޕޯޓުކުރާ ދިވެހި ހިކިމަހުން މިހާރު ނަގާ ޓެކްސްއިން %96 ކަނޑާލަނީ
ސްރީލަންކާގެ ޕަރލަމެންޓުގައި އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ / ފޮޓޯ: ސްރީލަންކާ ޕަރލަމެންޓް
ސްރީލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން މިހާރު ނަގަމުންދާ ޓެކްސްއިން 96 އިންސައްތަ ކަނޑާލުމަށް އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ ހުށަހަޅުއްވައިފިއެވެ.
ރައީސް ދިސަނަޔަކަ މިކަން ހުށަހެޅުއްވީ ބުރާސްފަތި ދުވަހު އެ ޤައުމުގެ ޕާލަމެންޓަށް ހުށަހެޅުއްވި 2027 ވަނަ އަހަރުގެ ބަޖެޓުގައެވެ. މި ހުށަހެޅުމާއެކު، ލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ނަގާ ސްޕެޝަލް ކޮމޮޑިޓީ ލެވީ (އެސްސީއެލް)، ކިލޯއަކަށް 302 ރުޕީސްއިން 10 ރުޕީސްއަށް ދަށްވެގެންދާނެއެވެ. މިއީ ކިލޯއަކުން 292 ރުޕީސްގެ ބޮޑު ލުޔެކެވެ. ރަސްމީކޮށް މި ބަދަލު ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 13 ވާ ހުކުރު ދުވަހުން ފެށިގެންނެވެ.
ހަމައެއާއެކު، ހުށަހެޅުނު ބަޖެޓުގައި ލަންކާއަށް އެތެރެކުރާ ހާމަހުގެ އެސްސީއެލް 100 ރުޕީސްއިން 10 ރުޕީސްއަށް ދަށްކުރަން ވެސް ވަނީ ހިމަނާފައެވެ. އަދި މުގުރާފައި ހުންނަ އަދި ނުމުގުރާ ހިކި މިރުހުގެ ލެވީން ކިލޯއަކުން 50 ރުޕީސް ދަށްކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ރައީސް ދިސަނަޔަކަ ޕާލަމެންޓުގައި ވިދާޅުވީ، އެސްސީއެލް ދަށްކުރަން ހުށަހެޅުއްވީ އަސާސީ ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމުގެ މަޤްޞަދުގައެވެ. މި ތިން ބާވަތުގެ ލެވީ ދަށްކުރި ނަމަވެސް، ހަކުރުގެ ޓެކްސް ބޮޑުކުރުމާއެކު، އެސްސީއެލްއަށް ގެނެވޭ ބަދަލުތަކުން އަހަރަކު 950 މިލިއަން ރުޕީސްގެ ސާފު އާމްދަނީއެއް ދައުލަތަށް އިތުރުވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި ހަކުރުގެ އަގު ބޮޑުކުރަން ނިންމީ އެ ޤައުމުގައި ހަކުރު އުފައްދާ ފަރާތްތަކަށް ހަމަހަމަ ވާދަވެރި ފުރުޞަތެއް ފަހިކޮށްދިނުމަށެވެ.
ދިވެހި ހިކިމަހުން 302 ރުޕީސްގެ ލެވީއެއް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެ ރޭޓް އުޅުނީ ކިލޯއަކަށް 102 ރުޕީސްގައެވެ. އޭރު އެ ލެވީ ތިން ގުނައާ ގާތްކުރާ މިންވަރަކަށް ބޮޑުކުރީ، ލަންކާގެ އަމިއްލަ މަސްވެރިކަމުގެ ޞިނާޢަތް ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް އެ ޤައުމުގެ ފިޝަރީޒް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. މި ނިންމުމަށް ގެނެވޭ ލުޔާއެކު، ލަންކާގެ ބާޒާރުގައި ދިވެހި ހިކިމަހުގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ ކަމަށް ބެލެވެއެވެ.