Ads by Stelco

ޚަބަރު

ސަރުކާރުން އާސަންދަ އަދި އެންސްޕާގެ 1.3 ބިލިޔަން ރުފިޔާގެ ދަރަނި ދައްކައިފި

ސަރުކާރުން އާސަންދަ އަދި އެންސްޕާގެ 1.3 ބިލިޔަން ރުފިޔާގެ ދަރަނި ދައްކައިފި

އާސަންދަ އޮފީސް ފޮޓޯ: ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޯގަސްޓު 2025، 05:57

17 އޯގަސްޓު 2025، 05:57

ސަރުކާރުގެ ސިއްޙީ އިންޝުއަރެންސް ސްކީމް، އާސަންދައާއި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ނުދައްކާ އޮތް ޖުމުލަ 1.3 ބިލިޔަން ރުފިޔާ މި ސަރުކާރުން ދައްކާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ، މާލިއްޔަތު ކޮމިޓީން އެކުލަވާލި ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި އިތުރު މައްސަލަތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ.

ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީ ސަރުކާރުގެ ދުވަސްވަރު އާސަންދައިން ދައްކަންޖެހޭ ފައިސާ އަމިއްލަ ހޮސްޕިޓަލުތަކަށް ދައްކާފައިނުވުމުގެ ސަބަބުން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި އެފަރާތްތަކަށްވެސް ދަތިވެފައިވެއެވެ. މިގޮތުން އާސަންދައިން އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް ދައްކަންޖެހޭ ފައިސާގެ އަދަދު 251 މިލިޔަން ރުފިޔާއަށް އަރާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް އާސަންދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާމަސީތަކާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް 1.1 ބިލިޔަން ރުފިޔާ ނުދައްކާ އޮތެވެ. އަދި އެންސްޕާއިން ދައްކަންޖެހޭ ފައިސާގެ ތެރެއިން 491 މިލިޔަން ރުފިޔާ ނުދައްކާ އޮތްކަންވެސް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހާ ހަމައަށް، 1.5 ބިލިޔަން ރުފިޔާ އެންސްޕާއިން ދައްކަންޖެހޭކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ވެރިކަން ބަދަލުވިއިރު އެންސްޕާއިން ނުދައްކާ އޮތް ފައިސާއާއި މިދައުރުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމުލަ 1.3 ބިލިޔަން ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށް ވެލްފެއަރ ރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މުހިންމު ގިނަ ގަވާއިދުތަކެއް މިހާތަނަށް އެކުލަވާލާފައިނުވެއެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ސްޓޮކް، މަރުކަޒީ ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، ކޮންޓްރޯލްކުރެވޭނެ ގޮތް ލިޔުމުން އެކުލަވާލަންޖެހޭކަންވެސް ވެލްފެއަރ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އާސަންދަ ނިޒާމު ހަރުދަނާކޮށް، އާސަންދައިންކުރަންޖެހޭ ޚަރަދުތައް މަދުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އާސަންދައިގެ ޚިދުމަތް ކަށަވަރުކުރުމާއި ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބަދަލުތައް ކަނޑައަޅުއްވާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގައި ޑޮކްޓަރުން ލިޔެދޭ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުން ހިމެނެއެވެ.

އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ލިބެން ހުރި ބޭސް ފެންނާނެ ގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމާއި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ބަދަލުތަކާއެކު، ސިއްޙީ ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް ހައްލެއް ލިބި، އާސަންދަ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން