Ads by Stelco

ޚަބަރު

ޔަހޫދީ ދައުލަތުން ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ގެންގުޅޭ ތަޞައްވުރު ދިވެހިރާއްޖެއިން ކުށްވެރިކޮށްފި

ޔަހޫދީ ދައުލަތުން ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ގެންގުޅޭ ތަޞައްވުރު ދިވެހިރާއްޖެއިން ކުށްވެރިކޮށްފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޯގަސްޓު 2025، 05:37

17 އޯގަސްޓު 2025، 05:37

ފަލަސްޠީނުގެ ބިމުން ބޮޑުބައެއް ޙިޞާރުކޮށް، ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ދައުލަތުން، ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ގެންގުޅޭ ތަޞައްވުރު ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރާއްޖެއިން މިކަން ކުށްވެރިކުރީ ޢަރަބި އިސްލާމީ 30 ޤައުމާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައިވާ ގޮތުން، ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ޔަހޫދީ ދައުލަތުން ގެންގުޅޭ ތަޞައްވުރަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމުގެ ޙައްޤަށް އަރައިގަނެ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ހަމަތަކާ އުޞޫލުތަކާވެސް މުޅިން ޚިލާފުކަމެކެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވުމަށް ހުރަސްއެޅޭކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޤައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި، ވަގުތުން ވަގުތަށް ޔަހޫދީން ހިންގާ ޤަތުލުޢާންމު ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި ޣައްޒާއަށް އެހީވެއްދޭނެ މަގުތައް ފަހިކޮށް، ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ގޮވާލާފައިވެއެވެ. މި ބަޔާނާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި، ރާއްޖޭގެ ޚަރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ކަމަށާއި، ރާއްޖެއިން އަބަދުވެސް ތާޢީދުކުރަނީ ހުރިހާ ގޮތަކުންވެސް ހަމަޖެހުން ޤާއިމުވުމަށް ކަމަށެވެ.

<blockquote class="twitter-tweet"><p lang="en" dir="ltr">Joint Statement by the Foreign Ministers of 31 Arab and Islamic Countries and the Secretaries-General of the League of Arab States, the Organization of Islamic Cooperation, and the Gulf Cooperation Council: <a href="https://t.co/96r6yG5WJK">https://t.co/96r6yG5WJK</a> <a href="https://t.co/7CZaer2Xpv">pic.twitter.com/7CZaer2Xpv</a></p>&mdash; OIC (@OIC_OCI) <a href="https://twitter.com/OIC_OCI/status/1956438333854265481?ref_src=twsrc%5Etfw">August 15, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ފަލަސްޠީނުގެ ބިމުން ބޮޑުބައެއް ޔަހޫދީން ޙިޞާރުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑުއުފުލަމުންދާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ފަލަސްޠީނުގެ ޙައްޤުގައި އެއްވުމެއް ބާއްވާފައެވެ. މީގެ އިތުރުންވެސް، ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރުމުގެ ހަރަކާތްތަކާއި ޓީވީ ޓެލެތޮންތައް ވަނީ ބާއްވާފައެވެ.

މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް، ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައެވެ. "ގްރޭޓަރ އިޒްރާއީލް" ނުވަތަ ސަރަހައްދީ ޤައުމުތައް ޙިޞާރުކުރުމަށް ޔަހޫދީން ގެންގުޅޭ ތަޞައްވުރުގެ ދަށުން، ޔަހޫދީން ޙިޞާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގެ އިތުރުން، ޣައްޒާއާއި ލެބަނޮންއާއި ސީރިޔާއާއި މިޞްރާއި ޖޯޑަންގެ ބައެއް ސަރަހައްދުތައްވެސް ޙިޞާރުކުރުމަށްވަނީ ނިންމާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހަނގުރާމައިގެ ތަދުތަކާއި، ބިމުގެ މިނިވަންކަމަށް އަރައިގަނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ހަމަތަކާ ޚިލާފަށް ހިންގާ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް އަޑުއުފުލާނެ ކަމުގެ ޔަޤީންކަން ދެމުންދެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން