ޚަބަރު
މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

ޒުވާނުންނަށް ޚާއްޞަ މަސްވެރިކަމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ

ފަރުދުން
17 އޯގަސްޓު 2025، 03:21
17 އޯގަސްޓު 2025، 03:21
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުން ކަމަށެވެ.
މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ވާލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން 3 މަސް ދުވަހަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނެކަށް ކަމަށްވެސް ވިދާޅުވިއެވެ.