Ads by Stelco

ޚަބަރު

ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢޫގެ 11% ނިމިއްޖެ

ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢޫގެ 11% ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ ތެރެއިން.

farudhun logo

ފަރުދުން

17 އޯގަސްޓު 2025، 02:56

17 އޯގަސްޓު 2025، 02:56

ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެޗް.ޑީ.ސީ. އިން ހާމަކޮށްފިއެވެ. މިއާއެކު، ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 1153 ހެކްޓަރުގެ ގާތްގަނޑަކަށް 11% ވަނީ ނިމިފައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމުލް 12 ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާ، މިމަޝްރޫޢުގެ 5 ސަރަޙައްދަކުން 100 ހެކްޓަރުވަނީ މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި ހިއްކާފައެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުގެ ދަށުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ބޮޑު މަޝްރޫޢެވެ. ވުމާއެކު، މިމަސައްކަތް އައު ހަލުވިމިނަކަށް ގެންދިޔުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ހޯދާ އެމަސައްކަތް އަވަސްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މިއަހަރުގެ ޖަނަވަރީ މަހު ވަނީ ވިދާޅުވެފައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަދި މޯހަން މުތާ އެކްސްޕޯރޓްސްއާ ޙަވާލުކޮށް، އެމަސައްކަތް ވަރަށް ހަލުވި ބާރުމިނުގައި މިއަހަރުގެ ކުރީކޮޅު ކުރިއަށްގެންގޮސްފައި ވެއެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔުނިޓު ލިބިގެން ދާނޭ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، މަޝްރޫޢުގެ ފުރަތަމަ 15،000 ގެދޮރު ޔުނިޓުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކުރެވިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީ އަށް ކަމަށާއި، މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، ތިމާވެއްޓާ ރައްޓެހި އިތުރު އީޖާދީ ބަދަލުތަކެއް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން