Ads by Stelco

ޚަބަރު

ވެލާނާ ގިމަތަ 1 އިން ފިޓްސް އެއަރ އަށް ޚިދުމަތް ދޭން ފަށައިފި

ވެލާނާ ގިމަތަ 1 އިން ފިޓްސް އެއަރ އަށް ޚިދުމަތް ދޭން ފަށައިފި

ވެލާނާ ގިމަތަ 1 އިން ފިޓްސް އެއަރ އަށް ޚިދުމަތް ދޭން ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމް.އޭ.ސީ.އެލް.

farudhun logo

ފަރުދުން

17 އޯގަސްޓު 2025، 11:18

17 އޯގަސްޓު 2025، 11:18

ބައިނަލްއަޤްވާމީ ވެލާނާ ވައިގެބަނދަރުގައި ފަހުން ހުޅުވި ގިމަތައިން "ފިޓްސް އެއަރ" އަށް ޚިދުމަތް ދޭން ފަށައިފިއެވެ. ފިޓްސް އެއަރ އަކީ ގިމަތަ 1 އިން ޚިދުމަތް ދޭން ފެށި 4 ވަނަ އެއަރލައިން އަށް ވުމާއެކު، އެއީ އެގިމަތައިން ޚިދުމަތް ދޭން ފެށި ފުރަތަމަ ލަންކާ އެއަރލައިން އެވެ.

މިކަމުގެ ޚާއްޞަ ރަސްމިއްޔާތެއް ގިމަތަ 1 ގައި މިއަދު ވަނީ ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ.) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.

ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލް. ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަޠީފު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން، އަދި ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިންގެ އިތުރުން، ފިޓްސް ހޮލިޑޭސް ގެ ޑިރެކްޓަރ އަނާހް ކާސިމް އަދި ފިޓްސް އެއަރގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ޙަސަން މަނިކު ބައިވެރިވެވަޑައިގެންފައިވެއެވެ.

މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އިން ހާމަކުރި ގޮތުގައި، މިއަދުގެ ރަސްމިއްޔާތުގައި ފިޓްސް އެއަރގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވާލާފައެވެ. އަދި އެ އެއަރލައިން އިން ފުރި 71 ފަސިންޖަރުންނަށް ވަނީ ހަދިޔާތަކެއް ދީފައެވެ. މީގެ އިތުރުން، ގިމަތަ 1 އަށް ކައިރި ކުރި ފިޓްސް އެއަރގެ ފުރަތަމަ މަތިންދާބޯޓު (8ޑީ-921) އަށް ޚާއްޞަ ވޯޓަރ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ޘަޤާފީ ޙަރަކާތްތަކާއެކު ހޫނު މަރުޙަބާ އެއް ކިޔާފައި ވެއެވެ.

ފިޓްސް އެއަރ އަކީ ސްރީ ލަންކާގެ ޕްރައިވެޓް އެއަރލައިން ތަކުގެ ތެރެއިން އެންމެ ބޮޑު އެއަރލައިން އެވެ. އެ އެއާލައިން އިން ރާއްޖެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އާ ދެމެދު ދަތުރުތައް ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން އިފްތިތާޙު ކުރެވުނު ގިމަތަ 1 އިން މީގެ ކުރިން ޚިދުމަތް ދެމުން އައީ 3 އެއަރލައިން އަކަށެވެ. އެއީ: ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.) ގެ ލޯ-ކޯސްޓް އެއަރލައިން ކަމުގައިވާ އެއާ ޢަރަބިޔާ، އަދި އިއްޔެ ޚިދުމަތް ދޭން ފެށި ލަގްޒަރީ އެއަރލައިން ބިއޯންޑް އެވެ. ގިމަތަ 1 އިން ފިޓްސް އެއަރ އަށް މިއަދު ޚިދުމަތް ފޭން ފަށާފައި ވުމުން، މިހާރު އެގިމަތަ އިން 4 އެއަރލައިން އަކަށް ޚިދުމަތް ދެމުން ދާނެއެވެ.

މިމަހުގެ ތެރޭގައި އިތުރު 3 އެއަރލައިން އަކަށް ގިމަތަ 1 އިން ޚިދުމަތް ދޭން ނިންމާފައިވާ އިރު، އެމް.އޭ.ސީ.އެލް. ގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން