ޚަބަރު
މާލޭގެ މަގުތަކުން އާންމުންނަށް ދަތިވާގޮތަށް ހުރި 200އަށް ވުރެ ގިނަ އުޅަނދު ނަގައިފި

މާލޭގެ މަގުތަކުން އުޅަނދުތައް ނެގުން، ފޮޓޯ: ޕޮލިސް
މާލޭ ސިޓީގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް ބަހައްޓާފައި ހުރި 200އަށް ވުރެ ގިނަ އުޅަނދު، ދިވެހި ފުލުހުންގެ ހިދުމަތުން ޓޯވްކޮށްފިއެވެ.
މާލޭގެ ބާރުބޮޑު މަގުތަކުގައި ޕާކުކޮށްފައި ހުންނަ ގިނަ އުޅަނދުތަކުގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނިސްބަތުން ގިނައެވެ. މިހެންވުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނާއި، ދުއްވާ އުޅަނދުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ހަމައެހެންމެ، މާލޭގެ މަގުތަކުގެ ރީތިކަމަށް ވެސް މިކަމުގެ ސަބަބުން ބޮޑު އަސަރެއް ކުރެއެވެ.
މި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މާލެ ސިޓީގެ މަގުތަކުގައި ޢާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ވަނީ ކުރަން ފަށާފައެވެ.
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުން. pic.twitter.com/D5arvVNzYA
— Maldives Police (@PoliceMv) August 16, 2025
މި މަޤުސަދު ހާސިލްކުރުމުގެ ގޮތުން އިއްޔެ ކުރެވުނު މަސައްކަތުން ޖުމްލަ 208 އުޅަނދު ޓޯވްކޮށްފައިވާކަމަށް ފުލުހުން ވަނީ ރޭ ހާމަކޮށްފައެވެ.
ފުލުހުން ޓޯވްކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 168 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދެވެ.
މާލޭގެ އިތުރުން، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ސަބަބުން، މާލެ ސިޓީގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، އަމާން ތަނަކަށް ވުމަށް މަގުފަހިވެގެން ދާނެކަމަށް ފުލުހުން ހާމަކުރެއެވެ.