Ads by Stelco

ޚަބަރު

ޤާސިމް އާއި ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމަށް ބުނެ ޔާމީން ހެދީ ދޮގު: ޖޭޕީ

ޤާސިމް އާއި ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމަށް ބުނެ ޔާމީން ހެދީ ދޮގު: ޖޭޕީ

ޖޭޕީ ލީޑަރު ޤާސިމް އިބްރާޙިމް އާއި ރައީސް ޔާމީން، ފައިލް ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޯގަސްޓު 2025، 06:28

17 އޯގަސްޓު 2025، 06:28

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް އާއި އެ މަނިކުފާނުގެ ދަރިކަލުން ސިޔާދު ޤާސިމް ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމަށް ބުނެ ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ހެއްދެވީ ދޮގުކަމަށް އެ ޕާޓީއިން ބުނެފިއެވެ. އެހެންކަމުން، މިކަމާ ގުޅިގެން ޤާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ބަލަމުން އަންނަކަމަށް ވެސް އެ ޕާޓީގެ ފަރާތުން ހާމަކޮށްފައިވެއެވެ.

"އަދަދު" އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ޤާސިމްގެ ދެބަފައިން ރިޝްވަތުދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކަމަށާއި، އަދި އެއީ ފެބްރުއަރީ 1، 2018 ގައި ނެރެދިން ބަޔާނާ ގުޅިގެން ކަމަށެވެ.

ރައީސް ޔާމީން ތުހުމަތުކުރައްވާ ގޮތުގައި ފަނޑިޔާރުން ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރުންނަށް މެލޭޝިއާ އިން ގެއާއި ފްލެޓް ގަނެދެއްވީ ގާސިމާއި ސިޔާދު މެދުވެރިވެގެންނެވެ. އަދި ހުޅުމާލެއިން ފަނޑިޔާރުން ފްލެޓް ގަތުމަށް ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ވެސް ސިޔާދު ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

"2018 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ފަނޑިޔާރުންނަށް މެލޭޝިއާއިން ގެ އާއި ފްލެޓް ގަނެދިނީ ކޮންބައެއްތޯ ބައްލަވާލައްވާ. ދެން އެމީހުންނަށް ހުޅުމާލެއިން ފްލެޓް ގަންނަން ގެރެންޓީގައި ސޮއިކޮށްފައި އޮތީ ކާކުތޯ ބައްލަވާލައްވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ތުޙުމަތުތަކާ ގުޅިގެން ޖޭޕީގެ ތަރުޖަމާނު ޢަލީ ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ދައްކަވާފައި ވަނީ ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން އެޅޭނީ ކޮން ފިޔަވަޅެއްތޯ ޕާޓީގެ ޤާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށެެވެ. އަދި ޕާޓީގެ ފަރާތުން ހަރުކަށިކޮށް އެ ވާހަކަތައް ކުށްވެރިކުރައްވާ ކަމުގައި ވެސް ޢާލީ ސޯލިހު ވިދާޅުވިއެވެ.

ޤާސިމް އާއި ސިޔާދުގެ އިތުރުން، އޭރުގެ ސިޔާސީ ފަރާތްތަކަށް އެކި ތުޙުމަތުތައް ކުރައްވައި ޖަލައްލީ ސަބަބުތައް ރައީސް ޔާމީން ވަނީ އެ އިންޓަވިއުގައި ޙިއްސާކުރައްވާފައެވެ. 

ޔާމީންގެ ވެރިކަމުގެ ފަހު އަހަރު އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ދަރިކަލުން އަޙުމަދު ފާރިސް ޖަލަށްލީ ވެސް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ކަމަށް ވިދާޅުވިއެވެ. އެކަމަކު ރައީސް މަޢުމޫނުގެ އޮފީހުން ވަނީ ޔާމީންގެ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އަދި ޤާނޫނީ ފިޔަވަޅު އެޅުމާ މެދު ވިސްނަމުން އަންނަކަމަށް މައުމޫން ވެސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން