ޚަބަރު
އިމާރާތެއްގެ ކޮންކްރީޓް ބައިތަކެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

ކޮންކްރީޓް ބައިތަކެއް ވެއްޓިފައިވާ އިމާރާތް، ފޮޓޯ: އެމްވީ ކްރައިސިސް
މާލޭގެ އިމާރާތެއްގެ ކޮންކްރީޓް ބައިތަކެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ވެއްޓިފައި ވަނީ ކުރީގެ އެޑިއުކޭޝަނަލް ޑިވެެލޮޕްމެންޓް ސެންޓަރ އިމާރާތުގެ ކޮންކުރީޓް ބައިތަކެކެވެ. މިއީ ބުރު ޕާރކް ކައިރީގައި ހުންނަ އިމާރާތެކެވެ.
މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުކަމަށް ފުލުހުން ހާމަކުރެއެވެ.
އިމާރާތުގެ ބައިތަކެއް ވެއްޓުމާއި ގުޅިގެން ޖެހިގެންހުރި އިމާރާތަށާއި ޕާކުކޮށްފައި ހުރި 2 ސައިކަލާއި 2 ކާރަށް ވަނީ ގެއްލުން ލިބިފައެވެ.
އަދި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކާ ޙިއްސާކޮށް ބަލަންޖެހޭ ކަންކަން މިހާރު ގެންދަނީ ބަލަމުންނެވެ.