ޚަބަރު / ވިޔަފާރި
ވެލާނާ ގިމަތަ 1 އިން ޚިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑް

ވެލާނާ ގިމަތަ 1 އިން ޚިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއަރލައިނަކަށް ބިއޯންޑް. ފޮޓޯ: އެމް.އޭ.ސީ.އެލް.

ފަރުދުން
16 އޯގަސްޓު 2025، 03:03
16 އޯގަސްޓު 2025، 03:03
ބައިނަލްއަޤްވާމީ ވެލާނާ ވައިގެ ބަނދަރުގައި ހުޅުވި ގިމަތަ 1 އިން "ބިއޯންޑް" އެއަރަލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ. ބިއޯންޑްއަކީ ގިމަތަ 1 ގައި ޚިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއަރލައިނަށް ވުމާއެކު، ގިމަތަ 1އިން ޖުމުލަކޮށް ޚިދުމަތް ދޭން ފެށި 3 ވަނަ އެއަރލައިނެވެ. މީގެ ކުރިން ގިމަތަ 1އިން ޚިދުމަތް ދެމުން އައީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިޔަން އަށާއި، އެއަރ ޢަރަބިއްޔާ އެއަރލައިން އަށެވެ.
މަތީ ފެންވަރުގެ ދަތުރުތަކަށް ޚާއްޞަކޮށްގެން ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި އެއަރލައިން ކަމުގައިވާ "ބިއޯންޑް" އެއަރލައިންސްއަށް ވެލާނާ ވައިގެބަނދަރުގެ ގިމަތަ 1އިން ޚިދުމަތް ދިނުން އިފްތިތާޙްކޮށްފައި ވަނީ، މިއަދު އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފްއެވެ.
A ceremonial ribbon-cutting marked @BeondAirlines’s inaugural flight from Terminal 1, celebrating a landmark achievement for MACL pic.twitter.com/W7tQFvG4gc
— Maldives Airports Company Ltd (@MACLmedia) August 16, 2025
މި ރަސްމިއްޔާތުގެ ތެރެއިން، ބިއޯންޑްގެ ޗެކިންގ ކައުންޓަރުތަށް ރަސްމީކޮށް ހުޅުވާލުމާއެކު، އެއަރލައިންއިން ފުރި 43 ފަސިންޖަރުންނަށް ހަދިޔާތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން، ގިމަތަ 1އަށް ކައިރިކުރި ބިއޯންޑްގެ ފުރަތަމަ މަތިންދާ ބޯޓު (B 4091)އަށް ޚާއްޞަ ވޯޓާ ސެލިޔުޓެއް އަރުވައި، އެ ބޯޓުގައި ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ޘަޤާފީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑު މެންބަރުންނާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފު މުޙައްމަދާއި މުޙައްމަދު ލަމްޢާންގެ އިތުރުން، ބިއޯންޑްގެ ޖެނެރަލް މެނޭޖަރު އިބްރާޙިމް އަހުތަރު އަދި އެއަރލައިންގެ ސްޓޭޝަން މެނޭޖަރު ޙުސައިން ފަޔާޒު ބައިވެރިވެވަޑައިގެންފައިވެއެވެ.
ބިއޯންޑަކީ ރާއްޖޭގެ ސިމްޑީ ގުރޫޕާއި، އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި "އަރަބެކްސް" ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއަރލައިނެކެވެ. މި އެއަރލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ އެއަރލައިނެކެވެ. ބިއޯންޑުގެ ބޯޓުތަކުގައި ބިޒްނަސް ކިލާހުގެ 44 ގޮނޑި ހިމެނެއެވެ.
ވީ.އައި.އޭ.ގެ ގިމަތަ 1 އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެއަށް ފަހު، އެ ގިމަތަ ދެން ހުޅުވާލީ އެއަރ ޢަރަބިއްޔާގެ ފްލައިޓްތަކަށެވެ. އެއީ މި މަހުގެ 13 ވަނަ ދުވަހުއެެވެ. އެމް.އޭ.ސީ.އެލް.އިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޙިއްޞާދާރުން، އެއަރލައިން ޕާޓްނަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި، އެއަރ ޢަރަބިއްޔާ އާއި ބިއޯންޑް ހިމެނޭހެން، 7 އެއަރލައިނެއްގެ ޚިދުމަތް ގިމަތަ 1އަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. މި މަހުގެ ތެރޭގައި ގިމަތަ 1އަށް އިތުރު 4 އެއަރލައިނެއްގެ ޚިދުމަތް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމް.އޭ.ސީ.އެލްއިން ވަނީ ހާމަކޮށްފައެވެ.