ޚަބަރު
މި އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ

މީރާ އޮފީސް---
މި އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 632 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 102 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސް ނަގަން ފެށުނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 12 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ދުވާލަކަށް 12 ޑޮލަރު، އަދި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދުވާލަކަށް 6 ޑޮލަރު ނެގެއެވެ.
ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެއެވެ. މީރާއިން ކަނޑައަޅާފައިވާ ގޮތުން ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް އަދި ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.