ޚަބަރު
ޔާމީން ހެއްދެވީ ދޮގު، ޤާނޫނީ ފިޔަވަޅު އަަޅާނަން: މައުމޫން

ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ރައީސް މައުމޫން

ފަރުދުން
16 އޯގަސްޓު 2025، 12:35
16 އޯގަސްޓު 2025، 12:35
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރު ކުރަންޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް މައުމޫމް ފައުންޑޭޝަނުން ދޮގު ކުރައްވައިފިއެވެ.
އަދަދު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ޔާމީން ވިދާޅުވީ 2018 ގައި މައުމޫން ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ.
ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ފެންމަތިވުމުން މައުމޫން ހައްޔަރު ނުކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފުލުހުން މޮބައިލް ފޯނު ދިނުމަށް އެދުމުން ޖަވާބުގައި ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ. ޔާމީން ވިދާޅުވީ އެކަމުގައި ދިފާއު ބިނާ ކުރައްވަން މައުމޫންއަށް ކޯޓުގައި ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް މައުމޫން ދިފާއުއެއް ބިނާއެއް ނުކުރައްވާ ކަމަށެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ރިޝްވަތު ދިނީ ކޮންބައެއްތޯ؟ ފާރިޝް މައުމޫން އާއި މައުމޫން އާ ދެއްވީ، ޖާބިރު އަތުން ލާރި ނަގައިގެން، އެއީ ސުޕްރީމް ކޯޓުގެ 2018 ވަނަ އަހަރުގެ އަމުރު ނުކުތް ގޮތަކީ އެއީ: ޔާމީން
ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން އޮފީހުން ނެރުއްވި ބަޔާނުގައި ވަނީ، ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ރިޝްވަތުގެ ގޮތުގައި އެއްވެސް އެއްޗެއް ދުވަހަކު ވެސް މައުމޫން ދެއްވާފައި ނުވާނެ ކަމަށާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ބަޔާނުގައި ސިފަކުރައްވާފައިވެއެވެ. އަދި ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ މެދު ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ. ރައީސް ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ: މައުމޫން އޮފީހުގެ ބަޔާން
މި މައްސަލަތަކާހުރެ ދެބޭންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބުރަ މަސައްކަތް ކުރައްވާފައިވަނީ މަޢުމޫންއެވެ. ފަހުން ދެބޭންގެ ގުޅުން ގޯސްވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި މައުމޫން ހުންނެވީ އޭރުގެ އިންތިޚާނބު ކާމިޔާބު ކުރެއްވި އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަހަތްޕުޅުގައެވެ. މައުމޫން ޖަލުން އެއްކޮން މިނިވަންވެ ވަޑައިގަތީވެސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.