ޚަބަރު
މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

ފަރުދުން
16 އޯގަސްޓު 2025، 12:33
16 އޯގަސްޓު 2025، 12:33
މާލޭގެ މަގުތަކުގައި ޢާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މާލޭގެ ބާރުބޮޑު މަގުތަކުގައި ޕާކުކޮށްފައި ހުންނަ ގިނަ އުޅަނދުތަކަކީ ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކަކަށް ވުމުގެ އިތުރުން، އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނާއި، ދުއްވާ އުޅަނދުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ހަމައެހެންމެ، މާލޭގެ މަގުތަކުގެ ރިވެތިކަން ގެއްލުމަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުމެކެވެ.
މިމައްސަލަތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މާލެ ސިޓީގެ މަގުތަކުގައި ޢާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށްގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުން. pic.twitter.com/D5arvVNzYA
— Maldives Police (@PoliceMv) August 16, 2025
މާލޭގެ އިތުރުން، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. މިމަސައްކަތުގެ ސަބަބުން، މާލެ ސިޓީގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، އަމާން ތަނަކަށް ވުމަށް މަގުފަހިވެގެން ދާނެއެވެ.