ޚަބަރު
ކައްދޫ އެއަރޕޯޓު ކައިރިން އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ އަންހެނަކު ނިިޔާވެއްޖެ

އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރެއް. ފޮޓޯ: ޕީއެސްއެމް
ލ.ކައްދޫ އެއަރޕޯޓް ކައިރިން ރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއަރޕޯޓަށްދާ މަގުގައި ހުރި ޒިބްރާ ކްރޮސިންގ އިން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި އެކްސިޑެންޓުގެ ރިޕޯޓް ލިބިފައިވަނީ ރޭ 7:18 ހާއިރުއެވެ. އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުން ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެއް އަންހެނަކު ވަނީ ފަރުވާ ދެމުންދަނިކޮށް ރޭ 10:22 ހާއިރު ނިޔާވެފައެވެ.
މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ނިޔާވި އަންހެން މީހާއާއި އޭނާއާއެކު މަގު ހުރަސްކުރަން އުޅުނު އޭނާ އަށް މާމަކިޔާ ފިރިހެން ކުއްޖަކަށެވެ. ނަމަވެސް ސައިކަލުގައި ދަތުރުކުރި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރިއަށް ގެންދަވަމުންނެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަޝްވަރާކުރަމުންނެވެ.