ޚަބަރު
ހުޅުމާލޭ 4000 ފްލެޓު: 1000 އަށްވުރެ ގިނަ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށްފި!

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ޤާއިމު ކުރާ ފްލެޓް ފޮޓޯ: އެޑިޝަން
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ފަރާތަކާއެކު ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ގެދޮރު ހޯދައިދިނުމުގެ މަގު ފަހިކުރުމުގެ ގޮތުން ކުރިއަށްދާ މި މަސައްކަތަކީ ގިނަ ބަޔަކު އިންތިިޒާރު ކުރަމުން އައި ކަމެކެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިކޯޕަރޭޝަނުން ތަރައްޤީކުރި 4,000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ 1000 އަށް ވުރެ ގިނަ
— Fahi Dhiriulhun Corporation Limited (@Fdc_mv) August 15, 2025
އެއްބަސްވުންތަކުގައި ސޮއިކުރެވިއްޖެ!
މިއީ މިކޯޕަރޭޝަނަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް#fahidhiriulhun #amaanmujthauakah #emmengehihsaa pic.twitter.com/wGmGZQC7Pa
އެފްޑީސީއިން ބުނި ގޮތުގައި، ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީއިންނެވެ. މިހާރުވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރު ކުރުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް އެފްޑީސީން ފާހަގަކުރެއެވެ.
އެފްޑީސީން ހާމަކުރިގޮތުގައި މިހާތަނަށް ތާވާލު ކުރެވުނު އެއްބަސްވުންތަކަކީ 1،530 އެވެ. އޭގެ ތެރެއިން މިހާތަނަށް ސޮއިކުރެވުނު އެއްބަސްވުންތަކުގެ އަދަދު 1،202 އަށް އަރައެވެ. މީގެ ކުރިން އެ ކުންފުނިން ބުނެފައިވަނީ، ފްލެޓް އެއްބަސްވުން ހެދުމަށް އެކޯޕަރޭޝަނަށް ހައުސިން މިނިސްޓްރީން ފޮނުވާފައިވަނީ 2،665 މީހުންގެ ނަން ކަމަށެވެ. އެހެންކަމުން، ބާކީ ތިބި ފަރާތްތަކާއެކު ވެސް އެއްބަސްވުން ހަދާ ނިންމުމަށް އެފްޑީސީން ދަނީ އިސްކަންދީގެން މަސައްކަތް ކުރަމުންނެވެ.
މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތްނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.