ޚަބަރު
ނޫސްވެރިކަމުގެ އިނާމަށް މިއަހަރު 92 ހުށަހެޅުން ލިބިފައިވޭ: އެމްއެމްސީ

ނޫސްވެރިކަމުގެ އިނާމު 2022/ފޮޓޯ: އެމްއެމްސީ
ނޫސްވެރިކަމުގެ އިނާމަށް މިއަހަރު ޖުމްލަ 92 ހުށަހެޅުން ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީ އިން ވިދާޅުވެއްޖެއެވެ.
އެމްއެމްސީ އިން ވަނީ، ނޫސް މަޖައްލާ ކެޓަގަރީ އާއި އޯޑިއޯ އަދި ވީޑިއޯ ޖަރނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:
- ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
- އިޖުތިމާޢީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުޢީ ދާއިރާ އާއި ގާނޫނީ ދާއިރާ
- ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
- ޑޮކިއުމަންޓްރީގެ ދާއިރާ
- ފީޗާ ރިޕޯޓުގެ ދާއިރާ
- ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
- ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
- އުންމީދީ ނޫސްވެރިޔާގެ އިނާމު
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
- ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މޯލްޑިވްސް މީޑިއާ ކައުންސިލުން މި އެވޯޑުތައް ދެމުން އަންނަނީ ގިނަ މަޤުސަދުތަކެއް ޙާސިލްކުރުމުގެ ގޮތުންނެވެ. އެގޮތުން، ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި، ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށާއި، އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭކަމަށް އެމްއެމްސީއިން ހާމަކުރެއެވެ.
އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.