ޚަބަރު
ވިލާތުގެ އިއްތިހާދާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ވިލާތުގެ އިއްތިހާދާއިއެކު ބޭއްވުނު ބައްދަލުވުން ފޮޓޯ: ވުޒާރާ
ދިވެހިރާއްޖެއަށް ވިލާތުގެ އިއްތިހާދުން ކަނޑައަޅާފައި ހުންނަވާ ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމުންޑޯ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ޑިމޮކްރަސީ ކުރިއެރުވުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ ޚާރިޖީ ވުޒާރާގައެވެ. ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި ސަފީރު މޮރޭނޯ ވަނީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ވަޒީރު ޑރ. ޚަލީލް ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވިލާތުގެ އިއްތިހާދާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި، ހެޔޮވެރިކަމާއި، ޑިމޮކްރަސީއާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، މި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުކުރެއްވުމުގެ ތެރެއިން ވަޒީރު ޑރ. ޚަލީލް ވަނީ ކުރިއަށް އޮތް މުސްތަޤްބަލުގައި ވިލާތުގެ އިއްތިހާދާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގަޔާއި، ވަކިން ޚާއްޞަކޮށް ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ސަފީރު މޮރޭނޯވެސް ވަނީ މިކަމުގައި އެކަމަނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
މި މުހިއްމު ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހުގައި، އެ ވުޒާރާގެ ސެކްރެޓަރީ ޑޮކްޓަރ ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބްގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.