ޚަބަރު
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޖުލައި މަހުގެ ނިޔަލަށް ދަފްތަރުގައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

ދިވެހި މަސްވެރިން ފޮޓޯ: ޕީއެސްއެމް ނިއުސް
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، މަސްވެރިންނަށް ފައިނޭންސަށް ފަސޭހައިން ވާސިލުވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ޖުލައި މަހުގެ ނިޔަލަށް މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ.
މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 25 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފައިވާކަމަށެވެ. މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު މިހާރު ދަނީ ލިބެމުންނެވެ.
މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ.
މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ފަދަ ފައިނޭންސިންގ އިންތިޒާމުތަކަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.