ޚަބަރު
އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ނެގި އެތައް ހާސް ޑޮލަރެއް ގެއްލިއްޖެ

އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް---
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބެލުމުގެ ދަށަށް ގެންދިޔަ އެތައް ހާސް ޑޮލަރެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު 15ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން ގެއްލިފައި ވަނީ 30،000 ހާސް އެމެރިކާ ޑޮލަރުކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި، އޮޕަރޭޝަން ހިންގި ދުވަހުން ފެށިގެން ހުރި މި ފައިސާގެ ބައެއް މަދުވާކަން ފާހަގަކުރެވުނީ މި މަހުގެ 13ވަނަ ދުވަހެވެ.
އަދި ފައިސާ މަދުވާ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ބަލަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ، އެ ފައިސާ ބަހައްޓާފައިވާ ތަނުން، ހަލާކުވެފައިވާ ނޫޓުތަކެއް ވެސް ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، ފޮރެންސިކް ފުލުހުން މެދުވެރިކޮށް އެކަން ވެސް ބަލަމުންދާ ކަމަށެވެ.
މިއީ ކޮން މައްސަލައެއްގައި ހިފަހައްޓާފައި ހުރި ފައިސާއެއް ކަމުން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.