ޚަބަރު
"ޤައުމީ ބޮޑު އެއްވުން" ޣައްޒާއަށްޓަކާ ދާންވާނެ!

އެއްވުން އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހުލާސާ
އިސްރާއިލުން ޣައްޒާ ހިޞާރުކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލުމަށް ބާއްވާ ޤައުމީ ބޮޑު އެއްވުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްވުން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައިވަނީ، އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ޚިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ދިވެހިރާއްޖޭގައި މިވަނީ ޤައުމީ ފެންވަރުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ބޮޑު އެއްވުން މާލެ އާއި އަތޮޅުތަކުގެ ރަށްތަކުގައި އެއް ވަގުތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ހަވީރު 16:00ގައި ކަމަށް އިންތިޒާމް ކުރާ ކޮމިޓީއިން މަޢުލޫމާތު ދެއްވައިފައިވެއެވެ.
ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ބޮޑު އެއްވުން ތިންތިޒާމްކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެ އޮވެ ހަދާފައިވާ ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އާއްމުން ހިމެނޭ ސްޓިއަރިން ކޮމިޓީ އަކުންނެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.
މި ބޮޑު އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނެފައިވަނީ، މި އެއްވުން ރާއްޖޭގައި ކުރިއަށްދާއިރު ހަމަ އެދުވަހު އިތުރު 5 ގައުމެއްގައިވެސް އެ ހަރަކާތް ކުރިއަށްގެންދާނެކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޢައްޒާގެ މުސްލިމުންނަށް ޔަހޫދީންގެ އިސްތިއުމާރީ ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ އިންސާނިއްޔަތާ ޚިލާފް ކަންތައްތައް ކުށްވެރިކޮށް އަދި ޣައްޒާގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު އަންގައިދިނުމަށް ކުރިއަށްދާ ސުލްހަވެރި ހަރަކާތެއްގެ ގޮތުގައެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު އެއްވުން އެއްވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ 50 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނޭކަމަށް އެއްވުން އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީން ބުނެއެވެ.
"ގްލޯބަލް ސުމޫދް ފްލޮޓިއްލާ" މޫވްމަންޓުން ވަނީ ޣައްޒާ އަޅުވެތިކުރުމާ ދެކޮޅަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެ މޫވްމަންޓުން ވަނީ މި ހިނގާ އޮގަސްޓް އަދި ސެޕްޓެމްބަރުމަހުވެސް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މިހަރަކާތްތައް ރާއްޖޭގައިވެސް ކުރިއަށްދާނޭކަމަށް ރާއްޖޭގެ ފަރާތުން އެ މޫވްމަންޓް ތަމްސީލްކުރާ އައިއޭސީން ބުނެއެވެ.