ޚަބަރު
އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް---
އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,374,699 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް, ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 1,008,081 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 300,763 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި 36,519 ފަތުރުވެރިން ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 28,354 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން 208,069 ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، ރަޝިއާއިން 163,060 ފަތުރުވެރިން، އިނގިރޭސިވިލާތުން 126,906 ފަތުރުވެރިން، އިޓަލީވިލާތުން 98,482 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 95,454 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,137 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި އަމާޒު ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.