ޚަބަރު
ޒުވާނުން ބާރުވެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުމަށް އެޗްޑީސީން އެމްއައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެޗްޑީސީން އެމްއައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަރުދުން
13 އޯގަސްޓު 2025، 03:30
13 އޯގަސްޓު 2025، 03:30
ޒުވާނުން ބާރުވެރިކޮށް، ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ, އެމްއައިޓީ އާއެކު އެޗްޑީސީން، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހްމަދު މުހައްމަދު އެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމް އެވެ.
އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގުރާމުތައް އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެގޮތުން، އަލަށް ސްކޫލް ނިންމައި ނުކުންނަ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ، ޒުވާނުންނާއި އަންހެނުންނަށް ހާއްސަކޮށް، ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގުރާމްތަކާއި، މޮޓޯ ސައިކްލް ރިޕެއަރ އެންޑް މެއިންޓެނެންސް ޕްރޮގުރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ވީލްޗެއަރ ރިޕެއަރ އެންޑް މެއިންޓެނެންސް ޕްރޮގުރާމުތައްވެސް މިއެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެކަމަށެވެ.
ޒުވާނުންނަށް ހާއްސަކޮށް ކެރިއަރ ގައިޑެންސް ދިނުމަށް އެޗްޑީސީން އިސްނަގައިގެން މިފަދަ ޕްރޮގުރާމުތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގައި ޒުވާނުން ބާރުވެރިކުރުވުމަކީ އަމާޒެއްކަމަށް އެކުންފުނިން ވިދާޅުވިއެވެ.