ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ކިހާދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ކިހާދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވަނީ.

ފަރުދުން
13 އޯގަސްޓު 2025، 03:15
13 އޯގަސްޓު 2025، 03:15
ރައީސުލްޖުމްހޫރިއްޔާ ބ. ކިހާދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ބ. އަތޮޅުގެ އާބަދުވެފައިވާ ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެއަތޮޅު ކިހާދޫއަށް މިއަދު ކުރެއްވި ޒިޔާރަތްފުޅުގެ ތެރެއިންނެވެ. ކިހާދޫއަކީ އެމަނިކުފާނު މިއަދު ޒިޔާރަތްކުރެއްވި ދެވަނަ ރަށެވެ. އެމަނިކުފާނުގެ އަރިހުގައި، އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުމުގައި، ބީއެމްއެލް ގެ ސީއީއޯ، ޗެއަރޕަރސަން، އަދި ކިޙާދޫ ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބ. ކިހާދޫގައި ދެންމެ އިފްތިތާޙުކުރެވިގެން ދިޔަ އޭޓީއެމް އަކީ އެރަށުގައި އެޚިދުމަތް ތަޢާރަފު ކުރެވުނު ފުރަތަމަ ފަހަރެވެ. އެއީ 2025 ވަނަ އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ޤާއިމްކުރި 45 ވަނަ އޭޓީއެމް އެވެ. މިކަމުގެ ހަނދާނީ ފިލައެއް، ބީއެމްއެލް ގެ ފަރާތުން ކިހާދޫ ކައުންސިލަށް ވަނީ ޙަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ގާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންގެ ވާހަކަތައް ގާތުން އައްސަވައި، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިގޮތުން، އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް މުހިންމު މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެވި، މުހިންމު ޚިދުމަތްތަކެއް ދަނީ ތަޢާރަފުކުރެވެމުންނެވެ.