ޚަބަރު
އިސްރަށްވެހިންނަށް ޚާއްސަ ކަސްރަތު ކުލާހެއް ކުރިއަށް ގެންގޮސްފި

އިސްރަށްވެހިންނަށް ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް. ފޮޓޯ: ވުޒާރާ
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި އިސްރަށްވެހިންގެ ނާދީއާ ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން، އުމުރުން ދުވަސްވުމުގެ ސަބަބުން ގައިގެ ބާރު ދޫވުމާއި، ވެއްޓުން ފަދަ ކަންކަމުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ މަސްތަކުގައި ވަރުޖެއްސުމާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ ލުއި ކަސްރަތުތަކާ ބެހޭގޮތުން ވެސް މުހިންމު މަޢުލޫމާތު އިސްރަށްވެހިންނާއި ހިއްސާކޮށްފައި ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްްޤީ އާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި އިސްރަށްވެއްސަކު ވިދާޅުވި ކަމަށް އިޖްތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވާން ފެށިފަހުން ހަރަކާތްތެރިވުމަށް ފަސޭހަވެ، ގައިގައި ހުންނަ ކުދި ރިހުންތައް ފިލައި، ފާހަގަކުރެވޭފަދަ ހެޔޮ ބަދަލުތަކެއް ހަށިގަނޑަށް އައިސްފައިވާ ކަމަށެވެ.
ހަމައެހެންމެ، ޕްރޮގްރާމްތައް ކުރިއަށް ގެންދާ ގޮތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެހެން ބައިވެރިއަކު ވިދާޅުވި ކަމަށް އެވުޒާރާއިން ބުނީ މި ޕްރޮގްރާމްތަކުގައި ގިނަ އިރު ހޭދަކުރަންޖެހުނު ނަމަވެސް، ފޫހިވުމެއްނެތި ޕްރޮގްރާމް ފުރިހަމަކުރެވޭ ކަމަށެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ލުއިކަމުގެ އިތުރުން، ނަފްސާނީ ގޮތުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާކަން ވެސް އެ ފަރާތުން ފާހަގަކުރިއެވެ،
"ވަރަށް ގިނަ މީހުންނަށް އަޅުގަނޑު ނަސޭހަތްތެރިވަން މިތަނަށް އަންނާށޭ، ކޮންމެ ދުވަހަކު ނާދެވުނަސް ކަސްރަތު އޮންނަ ދުވަސް ދުވަހު އަންނަން ބުނަން، އެއީ އަޅުގަނޑުމެން ދުވަސްވީ މީހުންނަށް ވަރަށް ރަނގަޅު ފުރުޞަތެއް މިތަނުން ދެއްވާ، އެހެންކަމުން އެކަމަށްޓަކައި އަޅުގަނޑު ވަރަށް ޝުކުރުވެރިވަން." ޕްރޮގްރާމުގައި ބައިވެރިވި އިސްރަށްވެއްސެއް ވިދާޅުވިއެވެ.
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެއެވެ. މިގޮތުން އިސްރަށްވެހިންގެ ނާދީގައި ކޮންމެ އާދީއްތަ އަދި އަންގާރަ ދުވަހެއްގެ ހަވީރު 04:15 އިން 05:15 އަށް ކަސްރަތު ޕްރޮގްރާމުތައް ކުރިއަށް ގެންދެއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން އެދެއެވެ.