ޚަބަރު
މާޅޮސްމަޑުލު ދެކުނުބުރީ "މާމަޑުއްވަރީ" ހިތާދޫއާ ހަވާލުކުރެއްވުމަށް ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ހިތާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
މާޅޮސްމަޑުލު ދެކުނުބުރީ ''މާމަޑުއްވަރީ'' ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ''މާމަޑުއްވަރީ'' އަކީ ތާރިޚަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށެވެ. ނަމަވެސް، މިއީ މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ހިތާދޫގައި މިއަދު ވަނީ، ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ދެ މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބޭނެކަމަށާއި، ސްކޫލް ހޯލް ނިމޭއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ހިތާދޫގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ 4 ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ. އެގޮތުން، ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ ހެލްތު ސެންޓަރު ހެދުމުގެ އެގްރިމަންޓްގައި ސޮއިކުރެވިފައިވާ ކަމަށާއި، އެމަސައްކަތް ނިމޭއިރު ވަސީލަތްތައް ފުރިހަމަކުރުމަށް ޖާގަ ތަނަވަސްވެ، ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތްވެސް ލިބޭނެކަމަށެވެ.
މީގެ އިތުރުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމްގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ހިތާދޫގައި ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.