Ads by Stelco

ޚަބަރު

މަގޫދޫ އެއަރޕޯޓް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް: %50އަށްވުރެ ގިނަ މަސައްކަތް ނިމިއްޖެ!

މަގޫދޫ އެއަރޕޯޓް މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް: %50އަށްވުރެ ގިނަ މަސައްކަތް ނިމިއްޖެ!

މަގޫދޫ އެއަރޕޯޓް މަސައްކަތް ކުރިއަށްދާގޮތުގެ އަދާހަމަ ފޮޓޯ:އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 އޯގަސްޓު 2025، 12:33

13 އޯގަސްޓު 2025، 12:33

ފ. މަގޫދޫގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު އެއަރޕޯޓަށް ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެމްޓީސީސީން ބުނީ މުޅި މަޝްރޫޢުގެ %50 އަށްވުރެ ގިނަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މަގޫދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ ސަރަޙައްދު، ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޖިއޯ ބޭގް ޖަހައިގެންނެވެ. އެމްޓީސީސީން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ %36 މަސައްކަތް މިހާރު ނިމިފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 3300 މީޓަރުގެ ސަރަޙައްދުގައި ޖިއޯ ބޭގް ރިމެންޓްމަންޓް ޖަހާނެއެވެ.

އެއަރޕޯޓަށް ބޭނުންވާ ބޮޑު ބައެއްވަނީ ހިއްކާ ނިމިފައެވެ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކައެވެ. ބިން ހިއްކުމުގެ މަސައްކަތްތަކުގެ %55 ވަނީ ނިމިފައެވެ.

މަގޫދޫ އެއަރޕޯޓް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން މަގޫދޫގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ.

އެއަރޕޯޓްގެ އިމާރާތްތަކުގެ ގިނަ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ. އެގޮތުން އެއަރޕޯޓްގެ ފަޔަރ ބިލްޑިންގެ އިމާރާތްކުރުމާ ގުޅޭ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. މީގެއިތުރުން ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކޮށް، އެކަމާ ގުޅޭ މަސައްކަތްތައް ވަނީ ފަށާފައެވެ.



މަގޫދޫ އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ފ. މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ މި އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މަސައްކަތްތައް މަޑުޖެހުނުނަމަވެސް، އެއަރޕޯޓްގެ މަސައްކަތް މި ދަޢުރުގެ ތެރޭގައި ނިންމައި ޚިދުމަތަށް ގެންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން