ޚަބަރު
ސަޢުދީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ޚާރިޖީ ވަޒީރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އަދި ސައުދީ އެމްބަސެޑަރ ފޮޓޯ:ރައީސް އޮފީސް
ސަޢުދީ ޢަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށާއި، ދެ ޤައުމުގެ ދެމެދު އޮތީ އަޚުވަންތަ ގާތް ގުޅުމެއްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، ޚާރިޖީ ވަޒީރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއެކު އޮތް ގުޅުން ކުރިއަށްވުރެ މިހާރު މާ ވަރުގަދަ ކަމަށެވެ. އެގޮތުން ދާދިފަހުން ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ސަޢުދީ ފަންޑުގެ ވަރަށް ބޮޑު ހިއްސާއެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.ވަޒީރު ވިދާޅުވި ގޮތުގައި ޓަރމިނަލް އެޅުމަށް ކުރީ ސަރުކާރުން މަސައްކަތް ކުރަމުންދަނިކޮށް މާލީ ދަތިކަމެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް، ފަންޑު ހޯދުމަށް ސަޢުދީ ސަރުކާރާއެކު ކުރީ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ހަމަޖެހިފައެއް ނުވެއެވެ. ޓަރމިނަލްއަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ޓަރމިނަލް އެޅުމަށް ކުރިމަތިވި މާލީ ދަތިކަމަށް ހައްލު ހޯދުމަށް އިތުރު 17 މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ރާއްޖެއާއި ސަޢުދީ ސަރުކާރާއެކު ސޮއިކުރީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.
ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދަނީ ވަރުގަދަވަމުން ކަމަށެވެ. މިދިޔަ ދައުރުގައި ރާއްޖޭގެ އިސްވެރިން ސަޢުދީއަށް 6 ފަހަރު ވަޑައިގެން 6 ބައްދަލުވުމެއް ބޭއްވިއިރު، މި ސަރުކާރަށް މިވީ ދޮޅު އަހަރުގެ ތެރޭގައި 7 ފަހަރު ސަޢުދީއަށް ވަޑައިގެން 7 ބައްދަލުވުމެއް ބާއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ފާހަގަކޮށްލަން ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ޙައްޖަށް ވަޑައިގެންނެވިއިރު، ސަޢުދީގެ ވަލީ އަހްދާ ބައްދަލުކުރެއްވި. ދެ ބޭފުޅުންގެ ދެމެދު ވަރަށް ޚާއްސަ މަޝްވަރާތަކެއް ކުރެއްވި. ދުވަހަކަށްވުރެ ދުވަހެއްދަނީ ސަޢުދީއާއެކު އޮތް ގުޅުން ވަރުގަދަވަމުން. ފައިސާއިން ބެލިޔަސް، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، 3 މިލިޔަން ޑޮލަރުގެ އެހީއެއް ސަރުކާރުން ދެއްވި
ޚާރިޖީ ވަޒީރު
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވަމުން ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް ވިދާޅުވެފައެވެ. އެ ސިޔާސަތުގެ ނަތީޖާއަކީ ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ފަލަސްޠީނުގެ ދިފާޢުގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ބައިނަލްއަޤުވާމީ މުޖުތަމަޢުތަކުން ބަލައިގަތުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި އިސްރާޢީލު ޕާސްޕޯޓް މަނާކުރީވެސް މި ސިޔާސަތުގެ ތެރެއިންކަމަށް ވިދާޅުވެ، އޭގެ ސަބަބުން އިސްލާމީ ޤައުމުތަކާއެކު ގުޅުން އިތުރަށް ބަދަހިވެ، އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާކަން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވިއެވެ.