ޚަބަރު
ބަނގުރާ ހުރި 500އަށް ވުރެ ގިނަ ފުޅިއާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނުގައި ފެނުނު ބަނގުރާ ފުޅިތައް، ފޮޓޯ: ފުލުހުން
ބަނގުރާ ހުރި 500އަށް ވުރެ ގިނަ ފުޅިއާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ މި ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
މި މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 4 ބިދޭސީންނެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 3 މީހަކާއި ބަނގުލަދޭޝްގެ މީހެކެވެ.
މި ބިދޭސީން ދިރިއުޅޭ ގެ ބަލާފާސްކުރިއިރު، ބަނގުރާހުރި 500 މިލިލީޓަރުގެ 511 ފުޅި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

11 އޯގަސްޓް 2025ގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަނގުރަލުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ބިދޭސީން---
ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަނގުރަލުގެ ވިޔަފާރި ކުރާތީ ހައްޔަރުކުރި ބިދޭސީން:
- މުތުމަގޭޝް މުރުގާން، އިންޑިއާ (32އ)
- ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ)
- ޒެނިތް ފްރެންސިސް، އިންޑިއާ (38އ)
- އަބްދުލް މަންނާން، ބަންގްލަދޭޝް (37އ)
މި އޮޕަރޭޝަނުގައި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާ އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.