ޚަބަރު
ދިރާސީ އާ އަހަރުގެ ޗުއްޓީ ޑިސެންބަރަށް ބަދަލުކޮށްފި

މިދިޔަ އަހަރުގެ ދިރާސީ އާ އަހަރު ދަރިވަރުން ސްކޫލަށް ހާޒިރުވުން، ފޮޓޯ: ދައުރު

ފަރުދުން
13 އޯގަސްޓު 2025، 07:02
13 އޯގަސްޓު 2025، 07:02
މި އަންނަ އަހަރު ފެށޭ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެންބަރަށް ބަދަލުކޮށް، ތަޢުލީމީ ވުޒާރާއިން އެކަޑަމިކް ކަލަންޑަރު އާންމުކޮށްފިއެވެ.
ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޖޫން/ޖުލައިއަށް ބަދަލުކުރީ މިދިޔަ ދައުރުގައި 2021ވަނަ އަހަރުން ފެށިގެންނެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. އެ ބަދަލުގެ ބޭނުމަކަށްވީ، އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް، ޗުއްޓީގައި އާއިލާއާއެކު ހޭދަކުރުމުގެ ފުރުސަތު ބޮޑުކޮށްދިނުމެވެ.
މި ބަދަލާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި، އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އެ މަނިކުފާނުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމެވެ.
އެގޮތުން، ކުރިން އޮތް ގޮތަށް ތަޢުލީމީ ކަލަންޑަރު ބަދަލުކޮށް، ޑިސެންބަރަށް ބޮޑު ޗުއްޓީ ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
ތަޢުލީމީ ވުޒާރާއިން ރޭ ނެރުނު އަންނަ އަހަރުގެ ވަގުތީ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް-ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.
އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
އެކަޑަމިކް ކަލަންޑަރުގައި ހުރި މުހިންމު ތާރީޙުތައް:
- އަންނަ އަހަރުގެ އޭލެވެލް ކިޔަވައިދޭން ފަށާނީ ޖޫން 7 ގައި
- ފުރަތަމަ ޓާމު ޓެސްޓު، 30 އިން 9 އަށް
- ކޭމްޕާއި އިތުރު ހަރަކާތްތައް: އޮގަސްޓް 22 އާއި 25ގައި ކީސްޓޭޖް 1 އަދި 2އަށް
- އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުން: އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އަށް
- ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ: މާޗް 1 އިން 8 އަށް އަދި ނޮވެމްބަރު 12 ގައި
- ދެވަނަ ޓާމު ޓެސްޓް: ޑިސެމްބަރު 1-10 އަށް
2027ގެ ދިރާސީ އާ އަހަރު ކިޔެވުން ފެށުން ޖެނުއަރީ 13 ގައި
އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ވަނީ ވަކިކޮށްފައެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފައެވެ.