ޚަބަރު
ޙައްޖު ކޯޓާގެ ކަންކަން ކުރިއަށްދަނީ އިންސާފުވެރިިކަމާއެކު އުސޫލެއްގެ ދަށުން: ވަޒީރު

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ފަރުދުން
12 އޯގަސްޓު 2025، 03:07
12 އޯގަސްޓު 2025، 03:07
ޙައްޖަށް މީހުން ގެންދިއުމަށް ދޫކުރާ ޙައްޖު ކޯޓާގެ ކަންކަން ކުރިއަށްދަނީ އިންސާފުވެރިިކަމާއެކު ވަކި އުސޫލެއްގެ ދަށުންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސަތުގައި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، ޙައްޖު ކޯޓާގެ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިޞްލާޙު ކުރެވިފައިވާ އުޞޫލުގައިވާގޮތުން އަލަށް ޙައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުމަށް ހިމެނިފައިވާނެކަމަށާއި ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުމަށްވެސް އުސޫލުގައި ކަނޑައެޅިފައިވާނެކަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް މި އުސޫލުގައި ހިމެނިފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި އުސޫލުން އިސްތިސްނާ ކުރެވިފައިވަނީ ހައްޖުގެ ޢާމިލުންނާއި ޚިދުމަތްތެރީންނާއި ޞިއްޙީ މާހިރުންކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވަކި ޢާއިލާއަކަށް ނުވަތަ ވަކި މީހަކަށް ބަލައިގެން އެއްވެސް އިރެއްގައި ހައްޖު ކޯޕަރޭޝަނުން ކޯޓާތައް ދީފައި ނުވާނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ޙައްޖު ކޯޓާތައް ދޫކުރުމުގައި ޢަމަލުކުރަނީ ދެފުށް ފެންނަ ގޮތަށް ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޙައްޖަށް ދާ މީހުންގެ އެހީތެރިންގެ ގޮތުގައި ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅަނީ އިޢުލާން ކުރެވިގެން ކުރިމަތިލާ މީހުންނާ އިންޓަވިއުކޮށްގެން، ގައިގައި ވަރުހުރި ގަދަފަދަ މީހުން ކަމަށެވެ. އެކަމުގައިވެސް ވަކި މީހަކަށް، ޢާއިލާއަކަށް ބެލުމެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.